ފަންޑިތަ ހަދައިގެން ގެއްލުވާލާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު (އަބްދުﷲގާޒީ) ވަނީ މިޢާލަމުންވެސް ގެއްލުވާލާފައިކަމަށާއި، އޭނާ އަނބުރާ ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން މިއަދު ބުނެފިއެވެ. ޕޮލިހުން މިކަން ހާމަކޮށްފައިވަނީ ސަބްއިންސްޕެކްޓަރ ޝިޔާމް މީޑިޔާއަށް މިކަމާގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.
ޝިޔާމް ވިދާޅުވީ މިހާތަނަށް ކުރެވުނު ތަޙުޤީޤުން ޢަބްދުﷲ ގާޒީ މިހާރު ހުންނެވީ "އެހެން ޢާލަމެއްގައި" ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އޭނާ އެތަނަށް ފޮނުވާލީ ކާކުތޯ ސުވާލުކުރުމުން ވިދާޅުވީ، އެކަމުގައި ތުހުމަތު ކުރެވޭ ގިނަ ފަރާތްތަކެއް ހުރިކަމަށާއި، މިމައްސަލައާ ކުޑަހުވަދޫގެ ސިހުރުވެރިންގެ މެދުގައި ފެށިފައިވާ ސިހުރުގެ ހަނގުރާމައާ ކޮންމެވެސް މިންވަރެއްގެ ގުޅުމެއް ވާކަމަށްވެސް ބެލެވޭކަމުގައި ވިދާޅުވިއެވެ.
"ސިހުރުވެރިންގެ ހަމަލާއެއްގައި މީހެއްގެ ފުރާނަ މިވަނީ ގޮސްފައި. ޖިނާޢީ މައްސަލައެއްގައި ގިނަ އަދަދެއްގެ ސިހުރުވެރިންނަށް ތުހުމަތު ކުރެވިފައިވަނިކޮށް ޖިނާޢީ ކޯޓުގެ އިސް ގާޒީ ގެއްލުވާލުމުން އެކަން މަޑުޖެހިގެން ދާނެ. އެހެންވެ މިމީހުންނާ މެދު ވަރަށް ޝައްކުކުރެވޭ" ޝިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިހާރު މިމައްސަލައިގެ ތަހުޤީޤަށް "ރަގަޅު ސިހުރުވެރިން"ގެ ޓާސްކްފޯހެއް ވަނީ އެކުލަވާލެވިފައެވެ. މިޓާސްކްފޯހުގައި އިސްލާމިކް ފައުންޑޭޝަންގެ ސިހުރު އެކަޑަމީން މަތީތަޢުލީމު ހާޞިލްކޮށްފައިވާ 30 ސިހުރުވެރިއަކާއި، ކަނޑިތީމުގެ ހޮހަޅައަކުން ފެނިފައިވާ 3 ސިހުރުވެރިއަކާއި، ސޯމާލިޔާއިން ލެއްގި މީހުންގެ ތެރޭގައި ތިބި ވޫޑޫ ހަދާ 4 މީހަކާއި، އިދިކޮޅު ރޫހާނީ ލީޑަރު ޒައީމު މައުމޫން ޢަބްދުލް ޤައްޔޫމާއި ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙަންމަދު ޒުހައިރު (ޖުހާ) ހިމެނިވަޑައިގަންނަވެއެވެ.
ޢަބްދުﷲ ގާޒީ ހުންނެވީ އެހެން ޢާލަމެއްގައިކަން އެނގުމާއެކު މިޓާސްކްފޯހުންވަނީ އެމަނިކުފާނުގެ ހާލު ބެއްލެވުމަށް އެތަނަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމެއް ފޮނުވާފައެވެ. އެކޮމިޝަންގެ ޓީމެއް ފޮނުވަން ނިންމާފައިވަނީ ވަރަށް ބޮޑު ބަހުސަކަށްފަހު ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެވެސް ލަފާގެ މަތިންކަމަށް ޝިޔާމް ވިދާޅުވިއެވެ. "މި ދަތުރަކީ ފިފްޓީފިފްޓީ ޗާންސަކަށް ކުރި ދަތުރެއް. މިކޮޅަށް އާދެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް. އެހެންވެ އަޅުގަނޑުމެންބެލީ ޤާނޫނީ ބާރުތަކެއް ލިބިފައިވާ މުއައްސަސާއެއްގެ ތެރެއިން މިކޮޅަށް ނާދެވުނަސް އެންމެ ރަނގަޅުވާނެކަހަލަ މުއައްސަސާއެއް.ހައިބަތު ބޮޑު، ވަރުހެސަ ބޭފުޅުންކޮޅެއް ބޭނުންވީ ފޮނުވަން" އޭނާ ވިދާޅުވިއެވެ. ކޮމިޝަންގެ ޓީމުން މިހާރު ވަނީ ޢަބްދުﷲ ގާޒީ ހުންނެވީ "ވަރަށް އުފަލުން" ކަން ކަށަވަރުކޮށްދީފައެވެ. "އަޅުގަނޑުމެން އެންމެންވެސް ތިބީ ވަރަށް އުފަލުން. ކަންވެރިޔާ މަތުރާފައި ދިން މަޝްރޫމް ކާލުމާއެކު ޢަބްދުﷲ ގާޒީއާ ބައްދަލުވި. ދެން ވަރަށް މަޖާ! ވަރަށް އުފާވޭ." ދަތުރަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެމުން ފުންމަވަމުން ކަހަލަ ގޮތަކަށް، ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ ވިދާޅުވިއެވެ.
މީގެ ކުރިން ސިހުރުގެ މައްސަލައެއްގައި މަރުގެ ހުކުމް ތަންފީޒުކުރެވުނު ހަކީމް ދީދީވެސް އެދުވަސްވަރު ހުންނެވި ޢަބްދުﷲ ގާޒީ (ފަނޑިޔާރު މަނިކުފާނު ޢަބްދުﷲ ޖަލާލުއްދީން) މިޢާލަމުން ގެއްލުވާލުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން ސިހުރު ރެގިއުލޭޓްކޮށް އޭގެން ޓެކްސް ނަގައިގެން ބެލެހެއްޓޭނެ ފަދަ ޤާނުނެއް ހެދުމަށް ޖަމިއްޔަތުއްސަލަފުންމިހާރު ވަނީ ގޮވާލާފައެވެ.
![]() |
| ސިހުރުވެރިންގެ ޓީމު "ލޭދެއްކުމުގެ" އެތިފަހަރެއް ހެދުމުގައި ހަރަކާތްތެރިވަނީ |
| މާލެސިޓީގެ 'ވަރުވާކަނުގައި' ގާޒީއަށް ހެޔޮއެދޭބަޔަކު ކިޔެވެލި ކިޔަވަނީ : ކޮންމެ ރެއަކުވެސް ކިޔެވެލި ނިންމާލަނީ ދުންއެޅުމަށްފަހު |
ޢަބްދުﷲ ގާޒީ ފެނޭތޯ ހަދަމުންދާ ފަންޑިތަ ތަކުގެ ތެރޭގައި ބައެއްކަހަލަ ޤުރުބާނީތައް ކަތިލުމުގެ އިތުރުން، މާލޭ ވަރުވާކަނުގައި (އެމްއެމްއޭ ސަރަޙައްދުގައި) އެއްވެ ކިޔެވެލި ކިޔަވާ ދުންއެޅުންވެސް ހިމެނެއެވެ. ކުރިއަށް އޮތް އެއްމަސްދުވަހުގެ ތެރޭގައި ޢަބްދުﷲ ގާޒީ އަނބުރާ މިޢާލަމަށް ގެންނާނެކަމުގެ ޔަޤީންކަން ޝިޔާމް ދެއްވާފައިވާއިރު، ފަންޑިތައިގެ ސަބަބުން އޭނާއަށް ކޮންމެވެސް މިންވަރެއްގެ ގެއްލުމެއް ލިބި "އެހެން ސިފައެއްގައި" އައުންވެސް ގާތްކަން ފާހަގަކުރެއްވިއެވެ.






0 ޚިޔާލު:
Post a Comment